ސުވަރުގެ

ސުވަރުގެ ސިފަކުރެވިފައިވާ ވަރަށް ގިނަ އާޔަތްތައް ޤުރުއާނުގައި އައިސްފައި ވެއެވެ. ސުވަރުގޭގެ ގަނޑުވަރުތަކާއި ބަގީޗާތަކުގެ ތެރެއިން ކޯރުތައް ހިނގަހިނގާ ހުންނާނެ ވާހަކައާއި، އެތާ އަހުލުވެރިންގެ އަތުގައި ރަނާއި މުތީގެ އުޅާތަކެއް ހުންނާނެ ވާހަކައާއި، އެ މީހުން ލައިގެން ތިބޭނީ ފަށުއި ހެދުން ކަމާއި، އަދި އެތާނގައި ރަހަ ތަފާތު ނުވާ ކިރު ކޯރުތަކާއި ބޯ މީހުންނަށް މީރު ރާގެ ކޯރުތަކާއި ސާފު މާމުއި ކޯރުތައް ހުންނާނެ ކަމާއި، އަދި އެތާ ރީތި ހޫރުލް ޢީނުން ތިބޭނެ ވާހަކަ، ޤުރުއާނުގައި އޮވެއެވެ

މިހުރިހާ ސިފަކުރުމެއް ވެސް އައިސްފައި ވަނީ، އިންސާނުންގެ ބުއްދިއަށް ވިސްނޭފަދަ ކައިރި ގޮތަކަށް، އެތަން ސިފަކޮށްދިނުމަށެވެ. ވާހަކަ ދައްކަން ޔަޤީނުން ވެސް އެނގޭ އެއްޗަކީ، ސުވަރުގޭގެ ކޯރުތަކަކީ ދުނިޔޭގައި ހުންނަ ފަދަ ކޯރުތަކެއް ނޫނެވެ. އަދި އެތާނގެ ކިރާއި ރާއާއި މާމުޔަކީ، ދުނިޔޭގެ ކިރާއި ރާއާއި މާމުއި ފަދަ އެއްޗެއް ނޫނެވެ. ސުވަރުގޭގައިވާ ތަކެއްޗަކީ އޭގެ ޙަޤީޤަތަށް އިންސާނުންގެ ޚިޔާލަށް ގެނެވޭނެ އެއްޗެއް ނޫނެވެ.

ސުވަރުގެއާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައި ނެތް، ކުދިކުދި ތަފްޞީލުތަކުގައި ހިފާ ދަމާ، އެއާ މެދު ބަހުސްކޮށް، ޙަޤީޤަތެއް ނޭނގޭ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އަހަރެމެން ކުރަންވީ ކަމަކީ، ސުވަރުގެއަށް ދެވޭތޯ، ހެޔޮ ޢަމަލުކުރުމެވެ.

ސުވަރުގެ ވަނުން

ސުވަރުގެ ވަންނަން ހަމައެކަނި އަދި އެދުނަކަސް، ނުވަތަ އެތަނަށް ދެވޭނެ ކަމަށް ހަމައެކަނި އުއްމީދެއް ކުރިއަސް، ސުވަރުގެ ނުވަދެވޭނެއެވެ. ސުވަރުގެ ވަދެވޭނީ އީމާންވެ ހެޔޮ ޢަމަލުކޮށްގެނެވެ.

لَيْسَ بِأَمَانِيِّكُمْ وَلا أَمَانِيِّ أَهْلِ الْكِتَابِ مَنْ يَعْمَلْ سُوءاً يُجْزَ بِهِ

އާޔަތުގެ ތަފްސީރީ މާނަ: ”އެންމެހާ މުސްލިމުންނެވެ. ސުވަރުގޭގެ މަތިވެރި ނިޢްމަތަކީ، ހަމައެކަނި ތިޔަބައި މީހުން އެދޭ އެދުންތަކަކުން ލިބޭނެ އެއްޗެއް ނޫނެވެ. އަދި އަހުލު ކިތާބީން އެ ގޮތަށް ސުވަރުގެ ލިބޭނެ ކަމަށް އެދުނަސް، ސުވަރުގެ ނުލިބޭނެއެވެ. ސުވަރުގެ ލިބޭނީ، ތެދުވެރިކަމާއެކު ﷲ އަށް އީމާންވެ، އެކަލާނގެ ރުއްސަވާ ޢަމަލުތައް އިޙްސާންތެރިކަމާއެކު ކުރުމުންނެވެ. ނުބައި ކަމެއް ކޮށްފިއްޔާ، އެ މީހަކަށް އެކަމުގެ ޖަޒާ ލިބޭނެއެވެ.” (އައްނިސާ: 123)

ވީމާ ސުވަރުގެ ވަންނަ މުއުމިނަކު ވާނީ، ހެޔޮ ޢަމަލުކުރާ، އަދި ދީނަށް ގޮވާލާ، ﷲ ގެ ދީން މަތިވެރި ކުރުމަށްޓަކައި މަސައްކަތްކޮށް، ދުލާއި މުދަލާއި ނަފްސު އެކަމަށް ހޭދަކުރާ މީހަކަށެވެ. މިފަދަ މީހަކު ވާނީ، ޖިހާދުކުރި މީހުންގެ ތެރޭގައެވެ.

މި ޖިހާދުކުރަން ނުކުޅެދޭ މީހެއް ވިއްޔާ، އޭނާ ވާނީ، ނުބައިކަންތައް ނުކުރާ، ނުބައި ކަމަކަށް ގޮވާނުލާ، ދީނުގައި ހިފެހެއްޓުމުން ލިބޭ ތުރާތަކާއި ދުއްތުރާތަކަށް، ކެތްތެރިވާ މީހަކަށެވެ. މިފަދަ މީހަކު ވާނީ، ކެތްތެރީންގެ ތެރޭގައެވެ.

ސުވަރުގޭގެ ސިފަކުރުން

 

އެތަނުގެ ފުޅާކަމަށް ބަލަންޏާ، އެއީ ތަނަވަސްކަން އިންތިހާއަށް ތަނަވަސް، އުޑުތަކާއި ބިން ފަދަ ފުޅާ ތަނެކެވެ. މިހެން ބުނީމާ އަދި ހައިރާން ނުވާށެވެ. އެހެނީ، މި ދުނިޔެއަށް ނިސްބަތްކޮށް ބަލާއިރު އާޚިރަތަކީ، މަންމަގެ ބަނޑަށް ނިސްބަތްކޮށް ބަލާއިރު ދުނިޔެފަދަ ތަނެކެވެ. ބަނޑުގައި އޮންނަ ދަރިފުޅު، މަންމަގެ ބަނޑަކީ އޭނާގެ މުޅި ދުނިޔެ ކަމަށް ނުދެކޭހެއްޔެވެ؟ އެކަމަކު ދުނިޔޭގެ އެންމެ ގެއެއް ވެސް، އެ ދަރިފުޅުގެ ދުނިޔެއަށް ވުރެ އެތައް ހާސް ގުނަ ބޮޑެވެ.

މި ސުވަރުގެއަކީ ތަޤުވާވެރިންނަށްޓަކައި، ﷲ ތައްޔާރުކުރައްވާފައިވާ ތަނެކެވެ. އެހެންވިއްޔާ އެ ތަޤުވާވެރިންނަކީ ކޮބައިހެއްޔެވެ؟ އެއީ ކޮންކަމެއް ކުރާ ބައެއްހެއްޔެވެ؟ ޖަވާބު އެނގިއްޖެއްޔާ، އަހަރެމެންނަށް ވެސް އެ މީހުން ކުރާ ކަމެއް ކޮށް، އެ މީހުންގެ ތެރެއިންވާ ބަޔަކަށް ވެވިދާނެއެވެ. ޖަވާބު ހޯދަން ބަލާއިރު ފެންނަން އޮތް އެއް އާޔަތަކީ މިއީއެވެ: الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنْ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ (134)   وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ (135)

އާޔަތުގެ ތަފްސީރީ މާނަ: ”އެބައިމީހުންނީ، ތަނަވަސް ކަމުގައްޔާއި، ދަތިކަމުގައި ހޭދަކުރާ މީހުންނެވެ. އަދި ކެތްތެރިކަމާއެކު ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި އެ މީހުންނަކީ، މީސްމީހުންގެ ކިބައިން ދިމާވާ އުނދަގޫތަކަށާއި އަނިޔާތަކަށް ބަދަލު ނުހިފައި، ޢަފޫކުރެވެން އޮތިއްޔާ ޢަފޫކުރާ މީހުންނެވެ. މިފަދަ ހެޔޮކަންތައް ކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.  އަދި އެބައިމީހުންނީ، ބޮޑު ފާފައެއް ކޮށްފިއްޔާ، ނުވަތަ އެއަށް ވުރެ ކުޑަ ފާފައެއް ކޮށް އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، އަވަހަށް ﷲ ހަނދުމަކޮށް، އެ ކަލާނގެއަށް ބިރުވެތިވެ، އެ ފާފަތައް ފުއްސެވުން އެދި ތައުބާވާ މީހުންނެވެ. އަދި ﷲ ފިޔަވާ ފާފަ ފުއްސަވާ ދެއްވާނެ އެހެން ފަރާތެއް ނުވާ ކަން ވެސް އެ މީހުން ޔަޤީންކުރެއެވެ. އެހެންވެ އެ މީހުންނަކީ، ތައުބާވެއްޖެ ނަމަ ﷲ ތައުބާލައްވާނެ ކަން އެނގި ތިބެ، ކުށް ކުރުން މަތީ ދެމި ތިބޭ ބައެއް ނޫނެވެ.” (އާލްޢިމްރާން: 134، 135)

މިއީ ތަޤުވާވެރިންގެ ބައެއް ސިފަތަކެވެ. ވީމާ ރަނގަޅު ޢަޤީދާ އަކާ އެކު، ތެދުވެރިކަމާއެކީ ﷲ އެއްކައުވަންތަ ކުރުމަށް ފަހު، މި ސިފަތައް ލިބިގެންފި މީހާއަކީ ތަޤުވާވެރިންގެ ތެރެއިން ވާ މީހެކެވެ. އަދި މާތް ﷲ ގެ ދީލަތިވަންތަކަމާއި ހެޔޮފުޅުކަމުން، އެ މީހުން ސުވަރުގެ ވައްދަވާނެއެވެ.

ސުވަރުގޭގައި ތަފާތު ދަރަޖަތަކެއް ވެސް ވެއެވެ. މި ގޮތުން، އަލްމުއުމިނޫނަ ސޫރަތުގެ ފުރަތަމަ ނުވަ އާޔަތުގައި އައިސްފައިވާ ސިފަތަކުގެ މުއުމިނުންނަށް ސުވަރުގޭގައި ‘ފިރްދައުސް’ ގެ މަތިވެރި ދަރަޖަ ލިބެއެވެ.

އަދި ‘ޖައްނަތުއް ނަޢީމް’ އޭ ކިޔޭ ދަރަޖައެއް ވެސް ވެއެވެ. މިއީ، ހެޔޮކަންތައް ކުރުމަށް އަވަސްވެ ކުރިއަރައިގެން ގޮސްފައި، ﷲ އާ ކުއްތަންކުރެއްވިފައިވާ މީހުންނަށް ހުރި ތަނެކެވެ.

އަދި ސުވަރުގޭގައި ‘އަލްޣުރްފާ’ އޭ ކިޔާ ދަރަޖައެއް ވެސް ވެއެވެ. މިއީ ‘ރަޙްމާންވަންތަ ﷲ ގެ ތެދުވެރި އަޅުން’ ނަށް ހުރި ތަނެކެވެ. އެއީ ކޮން ބައެއްކަން، ސޫރަތުލް ފުރްޤާނުން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. އެއީ ޢަޤީދާ ރަނގަޅު، ސުލޫކު ތެދު، އަޅުކަން ގިނަ، އަޚްލާޤު މަތިވެރި ބައެކެވެ. ސުވަރުގޭގެ މި މަތީ ދަރަޖަ ލިބެނީ، ދުނިޔޭގައި އުޅުނު އިރު މަތީ އަޚްލާޤެއްގެ ވެރި، ދީނީ ވާޖިބުތައް އަދާކުރުމުގައި ކެތްތެރި އަޅުވެރި ބަޔަކަށެވެ.

އަދި ސުވަރުގޭގައި ‘ޖައްނަތުލް މައުވާ’ އަކާއި ‘ޖައްނާތު ޢަދްނި’ އެއް ވެސް ވެއެވެ. ސުވަރުގޭގައި އިތުރު ބަގީޗާތަކެއް ވެސް ވެއެވެ. އަދި އިންސީންނާއި ޖިންނީންގެ ތެރެއިން ﷲ އަށް ބިރުވެތިވެ ތަޤްވާވެރި ވީ މީހުންނަށް ދެ ބަގީޗާއެއް ވެއެވެ.

ސުވަރުގޭގެ އަހުލުވެރީންގެ އުޅުން

ސުވަރުގޭގެ މީހުން، ތިމާގެ މީހުންނާ އެކުވެރިންނާ، އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވެ އުޅެއެވެ.

ސުވަރުގޭގެ އަހުލުވެރިން މަޖްލިސްކޮށް ވާހަކަ ދައްކަން ތިބޭނީ ފަސޭހަ ދާންތަކެއްގައެވެ. އެ ދާންތަކުގެ ރީތިވެފައި މޮޅީ ހަމައެކަނި ބޭރުފުށެއް ނޫނެވެ. އޭގެ ބަތާނަފުށުގައި ވެސް ވަނީ އެހާމެ މޮޅު އަގުހުރި ‘އިސްތަބްރަޤް’ އޭ ކިޔޭ، ބޯ ފަށުތްވެވެ. ވަށައިގެން ވާނީ، ގަސް ގިނަ ފެހި ބަގީޗާތަކެވެ. ގަސްތަކުގެ މޭވާ ހުންނާނީ، އަތް ދިއްކޮށްލީމާ އަތް ފޯރާ ހިސާބުގައެވެ. ޚިދުމަތުގައި ތިބޭނީ، އެކަމަށްޓަކައި އުފައްދަވާފައިވާ ޚާއްޞަ ކުދިންތަކެކެވެ. ސާފުކަމާއި ދޮންކަމާއި ރީތިކަމުގެ ގޮތުން އެ ކުދިން ހީވާނީ، އިތާ ތެރޭ ރައްކާކުރެވިފައިވާ މުތްތަކެއް ހެނެވެ. ކާން ގެނެވޭނީ، ހިތް އެދޭ ބާވަތްތަކުގެ މަހާއި ދޫނި މަހެވެ. ހިތައް އެރި ވައްތަރެއްގެ މޭވާއެވެ. މޭވާއެއް އެއްފަހަރު ކައިފައި، ފަހުން ކާއިރު ދޭނީ ކުރިން ދިން ރަހައެއް ނޫނެވެ. ކާ ކޮންމެ ފަހަރަކު އޭގެ މީރުކަން ދާނީ ހައްތާހާ އިތުރުވަމުންނެވެ. އެއްފަހަރު ލިބުނު އެއްޗެއް ފަހުން ނުލިބިދާނެ ކަމުގެ ބިރެއް ނޯންނާނެއެވެ. ބުއިމަށް ހުންނާނީ، ބުއިމުން މަސްތު ނުވާ މީރު ރާއާއި، ރަހަ ތަޣައްޔަރު ނުވާ ކިރާއި، ސާފު މާމުޔެވެ.

ސުވަރުގޭގައި ކާންވީމާ ތަނަކަށް ދާކަށް ނުޖެހެއެވެ. އެތާނގައި ކާނާއަކީ ކައިރިއަށް ގެނެވޭ އެއްޗެކެވެ. ކާނާ ގެނެވޭނީ ރަނާއި ރިހި ތަބައްތަކުގައެވެ. ޝަރާބު ގެނެވޭނީ ރަނާއި ރިހީގެ ތަށިތަކުގައެވެ.

يُطَافُ عَلَيْهِمْ بِصِحَافٍ مِنْ ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الأَنفُسُ وَتَلَذُّ الأَعْيُنُ
އާޔަތުގެ މާނަ: ”އީމާންވެ ސުވަރުގެ ވަން މީހުންގެ ގާތަށް ރަނުގެ ތަބައްތަކާއި ތަށިތަކާއިގެން ހިނގޭނެއެވެ. އޭގައި ހުންނާނީ ހިތް އެދޭހާ، އަދި ލޯތަކަށް އުފާ ލިބިދޭހާ ބާވަތްތަކެވެ.” (އައްޒުޚްރުފް: 71)

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތަކީ ތަނަވަސް ރަޙްމަތެކެވެ. އިބަ ރަސްކަލާނގެ ޢަފޫކުރެއްވުމަކީ ދީލަތި ޢަފޫކުރެއްވުމެކެވެ. ރަޙްމަތް ލައްވާ ޢަފޫކުރައްވަނީ، ހަމައެކަނި އިބަރަސްކަލާނގެއެވެ. ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތް ކުރައްވައި، ސަލާމަތްކަމާއެކު ސުވަރުގެ ވައްދަވާ ދެއްވާފާނދޭވެ!

!