ﷲ މެނުވީ ޚާލިޤަކު ނުވެއެވެ.

images (1)އެންމެހާ އިންސާނުންނާއި އުޑާއި ބިމާއި އަދި އެދެމެދުގައިވާހާ އެއްޗެއްސާއި މިހުރިހާ އެއްޗެއް ހެއްދެވި ފަރާތަކީ އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އުފައްދާނެ ފަރާތެއްނެތި އެއްވެސް އެއްޗެއް އުފެދުމަކީ ހަމަ ބުއްދިއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ކުއްލިއަކަށް، ވަކި ކަމެއް މެދުވެރިވެގެންވެސް ކަމެއް ހިނގާނީ އެކަމެއް ހިނގުމަށް މެދުވެރި ކުރައްވާނެ ފަރާތެއް ހުރެގެންކަން ޔަގީނެވެ.

ބައެއްމީހުން ދުނިޔޭގައި މިހިނގާ ކަންކަން ހިނގަނީ “ބައިނޭޗަރ” ނުވަތަ ޤުދުރަތީ ގޮތުންނޭ ބުނާއިރު އެމީހުން އެސިފަ ކުރާ ނުވަތަ އެބުނާ ކަންތައް ފިޔަވައި އެހެން އެއްވެސް ކަމެއް ބައިނޭޗަރ އިން ނުހިނގަންވީ ސަބަބާ މެދު އެމީހުންގެ ހިތުގައި ސުވާލު ނުއުފެދެނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ޝައިޠާނީ ކެހިވެރިކަމެއްގައި ތިބެގެން އެމީހުން ވިސްނާތީކަން ކަށަވަރެވެ. މިހެނީ މިއޮތް ތަރައްގީ ޒަމާނުގައިވެސް ހަމަ ހުރެލާފައި އަންނަ ވައި ރޯޅިއެއްގެ ސަބަބުން ނުވަތަ އެހެންވެސް ކަމެއްގެ ސަބަބުން ދަގަޑާއި ބޯލްޓާއި އެކަމަށް ބޭނުންވާނެ މަޢްދަން އެއްވެގެން އެނބުރެމުން އެނބުރެމުންގޮސް ފްލައިޓެއްވެސް އަމިއްލަ ޒާތުގައި ނެހެދެއެވެ. އަދި ކީއްކުރަންތޯ؟ މެއްސެއްހައި މިންވަރުވެސް އަމިއްލަ ޒާތުގައި ނުވަތަ ބަޔަކަށްވެސް ނުމެ ހެދޭނޭމެއެވެ.

އެކަލާނގެ ވަޙީ ކުރެއްވިއެވެ. أَلَا لَهُ الْخَلْقُ وَالْأَمْرُ )) މާނައަކީ؛ “ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށްخاص ވެގެންނެވެ.” ވީމާ އިންސާނާ ޚަލްގު ކުރެއްވީ ޚާލިގުވަންތަ ﷲ ކަން ހިތުގެ އަޑިން ގަބޫލުކުރުމަކީ ކޮންމެ މުއުމިނެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ޚަލްގު ކުރެއްވުމުގައިވެސް އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ.

ﷲ ވަޙީކުރެއްވިއެވެ. ((هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ )) މާނައަކީ؛ “اللَّه މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ކަލަކު ވޭހެއްޔެވެ؟” ކީރިތި ޤުރުއާނުގެ މޫރިތި މިއާޔަތުން ޚަލްގު ކުރެއްވުމަކީ ހަމައެކަނި އެކަލާންގެއަށް ޚާއްޞަ ވެގެންވާ ސިފަފުޅެއްކަން ބަޔާންވެދެއެވެ.

ޙަޤީޤީ ޚަލްޤު ކުރެއްވުމަކީ އެއެއްޗަކާ އެއްފަދަ އެހެން އެއްވެސް މިސާލެއް ނެތީސް އެއެއްޗެއް ގެނެސްގަތުމެވެ.