މަޑުމައިތިރިކަން

No Comments »

މަޑުމަތިރިކަމާއި އެކު ބަސްބުނުމަކީ، ޚާއްސަކޮށް ދީނުގެ ދަޢުވަތު ދިނުމުގައި، ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ އޭގެ ސަބަބުން، މީސްތަކުން އެމީހެއްގެ ބަސް ފަސޭހައިން ޤަބޫލުކުރާނެ ކަމެކެވެ. އަދި އޭގެ ސަބަބުން، އެބަހާއިމެދު އެ ބަސް ރައްދުވާމީހާ ވިސްނުމަށް ބާރުލިބިގެންދާނެއެވެ. އަޅުގަނޑުމެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމާލާތްކުރުމުގައި މި މަތިވެރި ޞިފައިން ޒީނަތްތެރިވުން އަވްލާކަން ބޮޑެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( ހަމަކަށަވަރުން ސުވަރުގޭގައި ކޮޓަރިއެއްވެއެވެ. އެކޮޓަރީގެ ބޭރުން އެތެރެ ފެނެއެވެ. އަދި އެތެރެއިން ބޭރު ފެނެއެވެ. )) އެ ހިނދު އަބޫ މޫސަލް އަޝްޢަރީ ރަޟިޔﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮންބަޔަކަށްވާ ކޮޓަރިއެއް ހެއްޔެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( އެއީ ބަސްބުނުމުގައި މަޑުމައިތިރި ބަހުން ބަސްބުނެ އުޅޭ އަދި މީސްތަކުންނަށް ކާއެތިކޮޅު ދީ އަދި ރޭގަނޑު މީސްތަކުން ނިދާފައިތިބޭ ވަގުތު ﷲ ތަޢާލާއަށްޓަކައި ދަމުނަމާދުކޮށް އުޅޭމީހުންނަށެވެ. ))  (1)

މަޑުމައިތިރި ކަމަކީ ތަޤުވާވެރިންގެ ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތަށް ވާޞިލުކޮށްދޭނެ މަތިވެރި ޞިފައެކެވެ. އެފަދަ މީހަކާއި ރަޙްމަތްތެރިވެ ގުޅުންބޭއްވުމަށް މީސްތަކުން ލޯބިކުރާނެއެވެ.

މަޑުމައިތިރިކަމުގެ މި މަތިވެރި ޞިފައިގެ ސަބަބުން، ނަމާދާއި ޤުރުއާން ކިޔެވުމާއި، އަދި އެހެނިހެން އަޅުކަންތަކުގައިވެސް، ޚުޝޫޢަތްތެރިވުމަށް ބާރު ލިބިގެންދާނެއެވެ. ނަމާދުގެ ޞަފުތައް ސީދާކޮށް ހެދުމުގައި، ތިބާގެ އަޚާއަށްޓަކައި ހިތްމަޑުމޮޅިކޮށް ހަދާނަމަ، ޝައިޠާނާ މާޔޫސްވެ ދުރަށްދާނެއެވެ. އޭގެ ސަބަބުން ޞަފުތައް ސީދާވެ ހިތްތަކުގެ މެދުގައި ލޯބިއުފެދި ޢަދދާވާތްތެރިކަން ނެތިގެންދާނެއެވެ.  ބޮޑުންނާއި އާދައިގެ މީހުންނާއި، ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މުއްސަދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ތަފާތުވެސް ނެތިގެން ދާނެތެވެ.

އަދި މި މާތް ޞިފައިގެ ސަބަބުން، ލޯތްބާއި އޯގާތެރިވުމާއި މަޢާފު ކުރުމުގެ މަތިވެރި ޞިފަތައް މީސްތަކުންގެ މެދުގައި ފެތުރިގެންދާނެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތް އެބަޔަކަށް ލިބިގެންދާނެއެވެ.