ހަސަދަވެރިވުމަކީ ކޮބާ؟

No Comments »

ތިމާ ފަދަ އަނެއް އިންސާނާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތެއް ފިލާދިއުމަށް ނުވަތަ އެ ނިޢުމަތަކުން އަނެއްމީހާ މަޙްރޫމްވުމަށް އެދުމަކީ ހަސަދަވެރިވުމެވެ. ހަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދެންނެވުމަށް އެއިލާހުވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރައްވާފައެވެ. އެއީ އުންމަތުގެ އެންމެހާ ފަރުދުންވެސް ޝާމިލުވާ ގޮތުގައި ކުރެވިފައިވާ އަމުރެކެވެ. ﷲ ތަޢާލާ ފަލަޤް ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. ” قُلْ أَعُوذُ بِرَ‌بِّ الْفَلَقِ ﴿١﴾ مِن شَرِّ‌ مَا خَلَقَ ﴿٢﴾ وَمِن شَرِّ‌ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ‌ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ‌ حَاسِدٍ إِذَا حَسَدَ ﴿٥﴾ “ سورة الفلق މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ހަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. އަދި ގޮށްގޮށަށް ފުމޭ މީހުން(އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސް މެއެވެ. އަދި ހަސަދަވެރިވާހިނދު އެ ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއެވެ. ” މީހަކު އަނެއްމީހާއާމެދު ހަސަދަވެރިވެއްޖެ ކަމުގައިވާނަމަ، އެމީހަކަށް ކޮންމެ ފަދަ ނުބައެއް ކުރިމަތިކުރުވާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ތިމާގެ މުސްލިމު އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށްފިނަމަވެސް އެއީ ހަސަދަވެރިވުމެވެ. އެއީ އެ ނިޢުމަތް ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް ނޭދުނުކަމުގައި ވިޔަސް މެއެވެ. އަދި ތިމާގެ އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށް، އެއީ ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް އެދުމަކީވެސް ހަސަދައެވެ. ހަސަދަވެރިކަމަކީ އިސްލާމް ދީނުގައި ވަރަށްބޮޑަށް ނަހީކުރައްވާފައިވާ ހުތުރުކަން ބޮޑު ސިފައެކެވެ. ނަމަވެސް ތިމާގެ މުސްލިމް އަޚާއަށް ލިބިފައިވާ ނިޢުމަތެއް، އެ އަޚާގެ ކިބައިން ފިލާދިޔުމަށް ނޭދޭ ހާލު ، ތިމާއަށްވެސް އެ ނިޢުމަތެއް ލިބުމަށް އެދުމަކީ ހަސަދަވެރިވުމެއްނޫނެވެ. ހަސަވެރިކަމުގެ ނުބައިކަން ބަޔާންކޮށްދެއްވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.” إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ ” سنن أبي داود މާނަ: ” ހަސަދަވެރިވުމާއިމެދު ތިޔަބައިމީހުން ހުށިޔާރުވެ ތިބޭށެވެ! ފަހެ ހަމަކަށްވަރުން ހަސަދަވެރިކަން ހެޔޮޢަމަލުތައް ނެތިކޮށްލަނީ އަލިފާނުން ދަރު އަނދައިގެންދާހާ ފަސޭހަކަމާއެކުއެވެ. “