ޙަޔާތެއް ބާއްޖަވެރި ކުރުމުގައި ތިމާގެ ޒިންމާ

No Comments »

ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ.

 އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ.

 

 އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَأَنْفُسُهُمْ وَهُمْ كَافِرُونَ ” (التوبة: 55)
ފަހެ އެބައިމީހުންގެ މުދައުތަކާއި، ދަރީންތައް، ކަލޭގެފާނު ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ.”

ޝާނާއި ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ އީމާން ކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ، ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

 وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْتَحْتِي أَفَلاَ تُبْصِرُونَ ” (الزخرف: 51)
އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަ ހިނގާ މިހުރި ކޯރުތަކުގެ މިލްކުވެރިކަން ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟

މިފަދަ ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ.

 مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي ” (القصص: 38)

އަހަރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، އަހަރެންނަށް އެނގިފައެއް ނުވެއެވެ.”

ދެން ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުން މާތްﷲ އޭނާ ހިއްޕެވިއެވެ.”

ބާއްޖަވެރިކަމަކީ ގިނަމުދަލާއި ފައިސާއިން ލިބޭނެ އެއްޗެއްނަމަ އަޅުގަނޑުމެން ތރެއިން ގިނަ މީހުންނަށް ލިބުނީހެވެ. ﷲ ދެއްވި މުދަލަކީ އެއްގޮތަކަށްވެސް އަހަރެމެންނަށް  ލިބިފައިވާ ޢިލްމަކާ ހުނަރަކުން ނުވަތަ ވިސްނުންތޫނުކަމާއި ބުރަމަސައްކަތުން ލިބުނު އެއްޗެއްނޫނެވެ. އެއީ މާތް ﷲ އަހަރެމެން އެއިލާހުގެ ފަޟްލުވަންތަވެރިކަމުން ދެއްވި ތަނަވަސްކަމެކެވެ. އެހެންކމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކަށް އަހަރެމެން ބޮޑާވެ ކުފުރުވެރިވެނުގަނެމާތޯއެވެ.

 

 ދުނިޔޭގެ ދަޅަތަކަށް ހެއްލިގެންވާ ޙާލު އަޅުގަނޑުމެން މި މުސްލިމް މުޖުތަމަޢުގައިވެސް އުފާކޮށް މަޖާކުރަމުން ދަނީއެވެ މީސްތަކުންގެ ޙައްޤުތައް އަދާކުރުމުން އެއްކިބާވެގެންނެވެ.. އަދި ބިންމަތި ފަސާދަކޮށް އަނިޔާވެރިކަން ޢާއްމުކުރަމުންނެވެ.

އެހެން ކަމުން އަޅުގަނޑުމެން މިއަދު މިވަނީ ޙަޤީޤީ ބާއްޖަވެރިކަން ލިބޭނެ މަގު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެ އެއިލާހަށް ފުރިހަމަގޮތުގައި ކިޔަމަން ތެރިވުމުން އެއްކިބާވެފައެވެ. އަޅުގަނޑުމެން މިވަނީ ދުނިޔޭގެ މި ކެހިވެރި ދިރިއުޅުމުގެ ބަދަލުގައި އާޚިރަތް ވިއްކާލާފައެވެ.

 

 އަޅުގަނޑުމެން ދުނިޔޭގެ ކަންތައްތަކާއި މަޝްޣޫލުވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ކުއްތަންވެލާނެ ވަޤުތެއް ނުވެއެވެ. މިސްކިތްތައް އާބާދު ކޮށްލާނެ ފުރުޞަތެއް ނެތެވެ. ކީރިތި ޤުރުއާން ކިޔަވާލާނެ ވަޤުތެއް ނެތެވެ. އަނބިދަރިންނާ އެކީ ހޭދަކޮށްލާނެ ވަޤުތެއް ނުވެއެވެ. އެފަދަ މީހުން ކިތައްމެ ހިތްހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭހެން އަޅުގަނޑުމެންނަށް ތަޞައްވަރު ވީކަމުގައި ވިޔަސް ﷲ ގަންދީ ބުނަމެވެ. އެއިން ގެއެއްގެ ތެރޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވެއެވެ.

 

 އަނބިމީހާއާއި ފިރިމީހާ އާއި ދެމެދު ލޯބިވެރިކަމާއި ކުލުނާއި ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި ދަރިންނާއި ދެމެދު އެއްވެސް އަޅާލުމާއި އޯގާތެރިކަމެއް ނެތެވެ. އަރާމުގައި ހިތްހަމަޖެހިގެން ނިދައިނުލެވެއެވެ. ނިދާލަން ވެސް މި ޖެހެނީ ބޭސްގުޅައެއް ކާލައިގެންނެވެ. ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ.

ވިޔަފާރިއާއިގެން ހޭބޯނާރާ މަސައްކަތްކުރަމުން ދިޔަ ބައްޕައެއްގެ ދަރިއެކެވެ. އެއްދުވަހަކު މި ބައްޕަ ގެއަށް އައިސް ގޭގައި ވެސް މަސައްކަތާއިގެން މަޝްޣޫލުވެ އުޅެނިކޮށް ދަރިފުޅު އައިސް ބައްޕަކައިރިން އެއްޗެއް އަހާލެވިދާނެތޯ އެހިއެވެ. ބައްޕަ ބުންޏެވެ. “އަހަރެން މިހުރީ ބުރަ މަސައްކަތެއްގައިކަން ކަލެއަކަށް ނޭނގޭހެއްޔެވެ؟ އަހަރެން މި ހިރަ ބިލްތައް ޗެކްކުރަން އެބަޖެހެއެވެ. އެހެރަ ޗެކްތަކުގައި ސޮއިކުރަން އެބަޖެހެއެވެ.

 

 އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން އެބެޖެހެއެވެ. އަވަހަށް ބުނާށެވެ!” ދަރިފުޅު ބުންޏެވެ. “ބައްޕަގެ ތިޔަ ވިޔަފާރިން ގަޑިއަކަށް ލިބެނީ ކިހާ ފައިސާއެއް ހެއްޔެވެ؟” ބައްޕަ ބުންޏެވެ. “އެއީ ކީއްކުރަން ކަލޭ ބަލާކަމެއް ހެއްޔެވެ؟ ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމައަށް ވާނީ ހޯދާދީފައެވެ. އަހަރެންނަށް ލިބެނީ ގަޑިއަކަށް ވިހި ޑޮލަރެވެ. ދެން އުނދަގޫ ނުކޮށް މިތަނުން އަވަހަށް ދާން އުޅޭށެވެ.” ދަރިފުޅު ބުންޏެވެ. “އަދި އިތުރު އެއް ސުވާލު ކޮށްލަން އަހަރެން ބޭނުމެވެ. ބައްޕާއެވެ! އަހަރެންނަށް ދިހަ ދޮލަރު ދެވިދާނެތޯއެވެ؟” ބައްޕަ ބުންޏެވެ. “އެއީ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟

 

 މި ދިޔަ ހަފްތާގަ ކަލެއަށް ދިހަ ޑޮލަރު ދިނީމު ނޫންހެއްޔެވެ؟ ދެން އުނދަގޫ ނުކޮށް މިތަނުން ދާން އުޅޭށެވެ.”
އެދަރިފުޅު ބައްޕަގެ ހަރުކަށި ބަހުރުވައިގެ ސަބަބުން ދެރަވެ، އެންމެފަހުން ނިދަން އޮށޯތެވެ. ބައްޕަ އޭނާގެ މަސައްކަތް ނިންމާލުމަށް ފަހު ހަމަޖެހިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާއާއި އޭނަގެ ދަރިފުޅާ ދެމެދު ހިނގި ހޫނު ވާހަކަތައް ޚިޔާލުތަކެއްގެ ސިފާގައި އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލްވަމުން ދިޔައެވެ.

 

 އޭނާގެ ނިންޖަށް ހުރަސްއަޅަމުންނެވެ. ދަރިފުޅާއި ދެމެދު ހިނގި ކަންތަކާއި ފުންކޮށް އޭނާ ވިސްނާލިއެވެ. ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި އުތުރިގަތެވެ. އިރުކޮޅަކުން އެ ދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް މިޞްރާބުޖެހިއެވެ.
ބައްޕަ ބުންޏެވެ. “ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ

ބައްޕަ ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެ ދިހަޑޮލަރު ބާލިސް ދަށަށްލައި ރައްކާކުރިއެވެ. އެ ދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ.
ބައްޕަ ބުންޏެވެ. “ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟

ދަރިފުޅު ބުންޏެވެ. ” ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ.

 

ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ. ބައްޕަ ތިޔަވަނީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟
އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ. މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟

 

 ތިބާގެ އަތުން ފައިސާދީފައި މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެން ހެއްޔެވެ؟ އެމީހުންނާއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ ބަދަލުކުރުމުގެ ވަޤުތެވެ.

މަތީގައިވާ އެވާ ކުރުކުރު ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއި ހުރެ ބާއްޖަވެރި ކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ.

 

 ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.

އެހެންވީމާ ދެން އުފެދޭ ސުވާލަކީ ކޮބައިތޯ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟ ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ.
ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވެއެވެ.

مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ” (النّحل: 97)
މުއުމިނެއްކަމުގައި ވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވާހުށީމެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސް ވެނުލައްވައެވެ. ޖަލުގައި ވެސް ﷲ ގެ ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ.

 


ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން ޙާޞިލުކޮށްފައެވެ.

މި ބާއްޖަވެރިކަން، މި ހިތް ހަމަޖެހުން، މި އުފާވެރިކަން، މި ފޮނިކަން، މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ ހެއްޔެވެ؟ އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މި މިސްކިތްތަކާއި މި ޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މި ދީނާއި މި ޤުރުއާނާއި މި މިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެއެވެ.

އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއް ނެތި އަދި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް ބޭކާރު ކުރިޔަސް އަދި އެ އުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ. އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

فَإِنَّ لَهُ مَعِيشَةً ضَنْكًا ” (طه: 124)
ފަހެ ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ.”
ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން، އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުން ކަމަށް ވަންޏާ ﷲގެ ގެކޮޅުތައް އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ.

 

 ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
 أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ” (الرّعد: 28)

ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟