މައިންބަފައިންގެ ހައްގުތައް

No Comments »

ދަރިންގެ މައްޗަށް މައިންބަފައިން މާތްވެގެންވުމާމެދު އެއްވެސް މީހަކު އިންކާރެއް ނުކުރާނެއެވެ. މައިންބަފައިންނަކީ ކުދިން ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މާތްﷲ މެދުވެރިކުރެއްވި ފަރާތެވެ. އަދި އެ ދެމީހުންނަށްޓާކައި ވަރަށް ބޮޑު ހައްގުތަކެއް ދަރިންގެ މައްޗަށް ވެއެވެ.ފަހެ ހަމަކަށަވަރުން އެދެމީހުން ކުޑައިރު ބަލާބޮޑުކުރިއެވެ. ދަރިފުޅަށްޓަކާ އެދެމީހުން ރޭގަނަޑު ހޭލާތިބެއެވެ. އޭނާގެ މަންމަ އޭނާ ނުވަމަސްވަންދެން  ބަނޑުގައި އުފުލިއެވެ. އެ މުއްދަތު ތެރޭގައި އެ ދަރިފުޅު ކެއުމާއި ދަރިފުޅުގެ ސިއްހަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދެމުންގެންދިޔައީ ހަމއެކަނި އެ މަންމައެވެ. ކީރިތި ﷲ މި ބަސްފުޅުގައި އަންގަވާފައިވާ ފަދައިންނެ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14)

އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

   މައިންބަފައިންނަށް އިހްސާންތެރިވުމާއި އޯގާތެރިވުން

ކީރިތިގުރުއާންގައި މާތް ﷲ މައިންބަފައިންނަށް އިހްސާންތެރިވުމާއި އޯގާތެރިވުމާބެހޭގޮތުން  ވަހީކުރެއްވިއެއވެ.. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا * وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (الإسراء 24,23) “އެއިލާހަށް މެނުވީ އަޅުކަންނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް ‘އުފް’ ވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިއަސް ނުބުނާށެވެ.) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތްބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! * އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެފިޔަ ތިބާ އެ ދެމީހުންނަށް ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރިފަދައިން އެ ދެމީހުންނަށް ރަޙުމަތްލައްވައިފާނދޭވެ!” އަދި އެހެން އާޔަތެއްގައި އެއިލާހަށް ޝުކުރުއަދާކުރުމަށް އެންގެވުމަށްފަހު، ދެން އަންގަވަނީ  މައިންބަފައިންނަށް ހުތުރު އެއްޗެހި ނުގުވުމަށެވެ. މައިންބަފައިންނަށް ހުތުރުއެއޗެހި ކިިޔުމަކީ އެމީހުންނަށް ކުރަންޖެހޭ އިހްތިރާމާއި ފުށުއަރާކަމެކެވެ

 ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ސުވާލު ކުރެއްވިއެވެ. أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ تَعَالَى؟ “ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟” ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الصَّلَاةُ عَلَى وَقْتِهَا “ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.” އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ثُمَّ أَيُّ؟ “ދެން ކޮންކަމެއްތޯއެވެ؟” ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. بِرُّ الْوَالِدَيْنِ “މައިންބަފައިންނަށް ކަމޭހިތައި ކިޔަމަންތެރިވުމެވެ.” އަނެއްކާވެސް، ‘ދެން ކޮންކަމެއްތޯ؟’ ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ސުވާލު ކުރެއްވުމުން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الْجِهَادُ فِيْ سَبِيْلِ “ﷲގެ މަގުގައި ޖިހާދު ކުރުމެވެ.” މިޙަދީޘުންވެސް، މައިންބަފައިންނަށް އިސްލާމްދީނުގައި ދެވިފައިވާ ޤަދަރު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް އިސްކަންދެވިފައި މިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ.  އެހެންކަމުން اللهގެ ފޮތަށާއި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ(އެކަލޭގެފާނުގެ ސުންނަތަށް) ބަލައިފި މީހަކަށް، އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު އެނގޭނެއެވެ. اللهތަޢާލާ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންނުކުރުމަށް އަމުރުކުރެއްވުމަށްފަހު، ދެން އަމުރުކުރެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَهَلْ لَكَ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟ “ތިބާގެ މަންމާއާއި ބައްޕައާއި ދެމީހުންކުރެ އެކަކުވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟” އޭނާ ބުންޏެވެ. نَعَمْ بَلْ كِلَاهُمَا “އާދޭހެވެ. މަންމައާއި ބައްޕަވެސް ދުނިޔޭގައި އެބަތިއްބެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވިއެވެ. فَتَبْتَغِيْ الْأَجْرَ مِنَ اللَّهِ؟ “ތިބާ ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ބޭނުންހެއްޔެވެ؟” ދެން އޭނާ ‘އާދޭހެވެ.’ ބުނުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا “ތިބާގެ މަންމައާއި ބައްޕަގެ އަރިހަށްގޮސް އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ.” އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. فَفِيْهِمَا فَجَاهِدْ “އެދެމީހުންނަށް ހެޔޮކޮށް ހިތުމުގައި ޖިހާދުކުރާށެވެ.”
މައިންބަފައިން މަރުވުމަށްފަހު އެދެމީހުންނަށް ކޮށްދެވިދާނެ ކަންތައްތައް

ރަސޫލާ އަރިހުގައި ތިއްބަވައި އަންސާރިއްޔަ ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އޭ ރަސޫލާއެވެ.މައިންބަފައިން މަރުވުމަށްފަހު އަލުގަނޑުގެ މައްޗަށް އެއްވެސް ހައްގެއްވޭތޯއެވެ.ރަސޫލާ ހަދީޘްކުރެއްވިއެވެ އާއކެވެ އެއީ އެދެމީހުންނަށް ހޮޔެ ދުއާއި ފާފުއްސެވުން އެދި ދުއާކުރުމެވެ.އެދެމީހުންގެ އަހްދު ފުއްދުމާިއ އެދެމީހުންގެ ފަރާތުން ނޫނީ ގުޅުމެއްނުވާ ގާތްތިމާގެ މީހުންނާއި ގުޅުންބަދަހިކުރުމެވެ، އަދި މައިންބަފައިންގެ ރަހުމަތްތެރިންނަށް ކަމޭހިތުމެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މިކަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނާއި ސުވާލުކުރެވުނެވެ. ކަލޭގެފާނު، މަންމައަށް ވަރަށް ކަމޭއްހިއްތަވައެވެ. ނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ކެއިންބައްލަވާތަނެއް ނުފެނެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. “މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅެއް، އަޅުގަނޑަށް މަންމައަށްވުރެ ކުރިން ނެގި މަންމަގެ ހިތުގައި ޖެއްސިދާނެކަމަށް އަޅުގަނޑު ބިރުގަނެއެވެ.” ކޮންފަދަ މިޘާލެއްތޯއެވެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން، މައިންބަފައިންގެ ހިތުގައި ނުޖައްސާދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ.
ދެހާސް ވަރަކަށް  ރުފިޔާ މައިންބަފައިންނަށް ދެވުނީމާ، އެދެމީހުންގެ ޙައްޤު އަދާކުރެވިއްޖެޔޭ އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ހީވާކަހަލައެވ. ‘އަޅުގަނޑަށް މަންމަގެޙައްޤު އަދާކުރެވިއްޖެތޯއެވެ؟’  “ނޫނެކެވެ. އަދި ތިބާއަށް، މަންމަ އުފުލި ވޭންތަކުގެތެރެއިން އެންމެވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ.” އެހެންކމުން މަންމައަށް އިސްލާމްދީނުގައި ދެވިފައިވާ ދަރަޖައެއްގެ މަތިވެރިކަންމިކަންތައްތކުންވެސް ދޭހަވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މީހަކު ސުވާލުކުރިއެވެ. مَنْ أَحَقُّ بِحُسْنِ صَحَابَتِيْ؟ “އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަންވީ (ޢާއިލާގެމީހުންގެ ތެރެއިން) ކާކަށްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أُمُّكَ “ތިބާގެ މަންމައަށެވެ.” އޭނާ މިގޮތަށް ތިންފަހަރު ސުވާލުކުރުމުންވެސް އެކަލޭގެފާނު ދެއްވީ މިޖަވާބެވެ. ހަތަރުވަނަފަހަރު އޭނާ ثُمَّ مَنْ؟ “ދެން ކާކަށްތޯއެވެ؟” ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أَبُوْكَ “ތިބާގެ ބައްޕައަށެވެ.

މައިންބަފއިންނަށް އުރެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެިންވާ ކަމެއ ްﷲ އުރެދުމެއްނުވާ ކޮންމެ ކަމެއްގައި މައިންބަފައިންނަށް ކިޔަމަންވާންޖެހެއެވެ. ކީރިތި ރަސޫލާ ސައްލަﷲ ހަދީސްފުޅެއްގައި މާނަގައިވެއެވެ.އެންމެ ބޮޑެތި ފާފައަކީ ކޮބައިކަން ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ހަބަރުދެއްވަމުހެއްޔެވެ؟މި ފަދައިން 3 ފަހަރ ހަދީޘްކުރެއްވިއެވެ. ތިމަން ދެންނޭވީމެވެ. އާދޭހެވެ ! ހަދީޘްކުރެއްވިއެވެެ.”ﷲ ޝަރީކަކުރުމާޢި ،މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.
އުވައިސުލް ޤަރްނީ ރަޙިމަހުﷲއަށް މުޚަޟްރަމުބޭކަލުންގެ ތެރެއިން ލިބިލެއްވިދަރަޖަ ލިބިލެއްވީވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރުވެސް އުޅުއްވި ބޭކަލެކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ބައްދަލުކުރައްވަވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށް ޚިދުމަތްކުރެއްވުމުގެގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. އެކަލޭގެފާނު، ޞަޙާބީއަކަށްވެލެއްވުމުގެ މާތްޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲތަޢާލާ އެކަލޭގެފާނު މާތްކުރައްވަވައި، އެކަލޭގެފާނު ދުޢާއެއްކުރައްވައިފިނަމަ، އެދުޢާއެއް ވަގުތުން އިޖާބަކުރައްވައެވެ.
ﷲތަޢާލާ އަޅުގަނޑުމެންނަށްވެސް ތެދުމަގުދައްކަވައި، މައިންބަފައިންނަށް ހައްގުތައް އަދާކޮށް މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރިދަރަޖަތައްލިބޭ، ޞާލިޙުއަޅުންގެ ތެރެއިން އަޅުގަނޑުމެންވެސް ލައްވަވާށިއެވެ.