މަޑުމައިތިރިކަން

މަޑުމަތިރިކަމާއި އެކު ބަސްބުނުމަކީ، ޚާއްސަކޮށް ދީނުގެ ދަޢުވަތު ދިނުމުގައި، ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ އޭގެ ސަބަބުން، މީސްތަކުން އެމީހެއްގެ ބަސް ފަސޭހައިން ޤަބޫލުކުރާނެ ކަމެކެވެ. އަދި އޭގެ ސަބަބުން، އެބަހާއިމެދު އެ ބަސް ރައްދުވާމީހާ ވިސްނުމަށް ބާރުލިބިގެންދާނެއެވެ. އަޅުގަނޑުމެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމާލާތްކުރުމުގައި މި މަތިވެރި ޞިފައިން ޒީނަތްތެރިވުން އަވްލާކަން ބޮޑެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( ހަމަކަށަވަރުން ސުވަރުގޭގައި ކޮޓަރިއެއްވެއެވެ. އެކޮޓަރީގެ ބޭރުން އެތެރެ ފެނެއެވެ. އަދި އެތެރެއިން ބޭރު ފެނެއެވެ. )) އެ ހިނދު އަބޫ މޫސަލް އަޝްޢަރީ ރަޟިޔﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮންބަޔަކަށްވާ ކޮޓަރިއެއް ހެއްޔެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( އެއީ ބަސްބުނުމުގައި މަޑުމައިތިރި ބަހުން ބަސްބުނެ އުޅޭ އަދި މީސްތަކުންނަށް ކާއެތިކޮޅު ދީ އަދި ރޭގަނޑު މީސްތަކުން ނިދާފައިތިބޭ ވަގުތު ﷲ ތަޢާލާއަށްޓަކައި ދަމުނަމާދުކޮށް އުޅޭމީހުންނަށެވެ. ))  (1)

މަޑުމައިތިރި ކަމަކީ ތަޤުވާވެރިންގެ ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތަށް ވާޞިލުކޮށްދޭނެ މަތިވެރި ޞިފައެކެވެ. އެފަދަ މީހަކާއި ރަޙްމަތްތެރިވެ ގުޅުންބޭއްވުމަށް މީސްތަކުން ލޯބިކުރާނެއެވެ.

މަޑުމައިތިރިކަމުގެ މި މަތިވެރި ޞިފައިގެ ސަބަބުން، ނަމާދާއި ޤުރުއާން ކިޔެވުމާއި، އަދި އެހެނިހެން އަޅުކަންތަކުގައިވެސް، ޚުޝޫޢަތްތެރިވުމަށް ބާރު ލިބިގެންދާނެއެވެ. ނަމާދުގެ ޞަފުތައް ސީދާކޮށް ހެދުމުގައި، ތިބާގެ އަޚާއަށްޓަކައި ހިތްމަޑުމޮޅިކޮށް ހަދާނަމަ، ޝައިޠާނާ މާޔޫސްވެ ދުރަށްދާނެއެވެ. އޭގެ ސަބަބުން ޞަފުތައް ސީދާވެ ހިތްތަކުގެ މެދުގައި ލޯބިއުފެދި ޢަދދާވާތްތެރިކަން ނެތިގެންދާނެއެވެ.  ބޮޑުންނާއި އާދައިގެ މީހުންނާއި، ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މުއްސަދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ތަފާތުވެސް ނެތިގެން ދާނެތެވެ.

އަދި މި މާތް ޞިފައިގެ ސަބަބުން، ލޯތްބާއި އޯގާތެރިވުމާއި މަޢާފު ކުރުމުގެ މަތިވެރި ޞިފަތައް މީސްތަކުންގެ މެދުގައި ފެތުރިގެންދާނެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތް އެބަޔަކަށް ލިބިގެންދާނެއެވެ.

 

ޣީބައިގެ މާނަ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣީބައިގެ މާނަ އަންގަވައި ދެއްވަމުން ޙަދީޘް ކުރެއްވިއެވެ

“أَتَدْرُونَ مَا الْغِيبَةُ”

“ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ، “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ.”  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“ذِكْرُكَ أَخَاكَ بِمَا يَكْرَهُ”

“ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ”

ދެން އެކަލޭގެފާނަށް ދެންނެވުނެވެ، “އަހަރެމެން ދެއްކީ (ހަގީގަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ،

“إِنْ كَانَ فِيهِ مَاتَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ”

“އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ، އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުންނަށް އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ.”

އެހެންކަމުން “ޣީބަ”އިގެ މާނައަކީ މީހަކު ނެތްތާނގައި އޭނާގެ ވާހަކަ، އޭނާ އެތާނގައި ހުރިނަމަ ނުރުހޭނޭ ފަދައިން ދެއްކުމެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި އެފަދަ ކަމެއް ނުވާނަމަ އެވާހަކަ ވާނީ ދޮގަކަށެވެ.

ނޯޓް: މިލިޔުމުގައި ޙަވާލާދެވިފައިވާ ޙަދީޘަކީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘެކެވެ.

ހަސަދަވެރިވުމަކީ ކޮބާ؟

ތިމާ ފަދަ އަނެއް އިންސާނާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތެއް ފިލާދިއުމަށް ނުވަތަ އެ ނިޢުމަތަކުން އަނެއްމީހާ މަޙްރޫމްވުމަށް އެދުމަކީ ހަސަދަވެރިވުމެވެ. ހަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދެންނެވުމަށް އެއިލާހުވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރައްވާފައެވެ. އެއީ އުންމަތުގެ އެންމެހާ ފަރުދުންވެސް ޝާމިލުވާ ގޮތުގައި ކުރެވިފައިވާ އަމުރެކެވެ. ﷲ ތަޢާލާ ފަލަޤް ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. ” قُلْ أَعُوذُ بِرَ‌بِّ الْفَلَقِ ﴿١﴾ مِن شَرِّ‌ مَا خَلَقَ ﴿٢﴾ وَمِن شَرِّ‌ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ‌ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ‌ حَاسِدٍ إِذَا حَسَدَ ﴿٥﴾ “ سورة الفلق މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ހަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. އަދި ގޮށްގޮށަށް ފުމޭ މީހުން(އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސް މެއެވެ. އަދި ހަސަދަވެރިވާހިނދު އެ ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއެވެ. ” މީހަކު އަނެއްމީހާއާމެދު ހަސަދަވެރިވެއްޖެ ކަމުގައިވާނަމަ، އެމީހަކަށް ކޮންމެ ފަދަ ނުބައެއް ކުރިމަތިކުރުވާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ތިމާގެ މުސްލިމު އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށްފިނަމަވެސް އެއީ ހަސަދަވެރިވުމެވެ. އެއީ އެ ނިޢުމަތް ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް ނޭދުނުކަމުގައި ވިޔަސް މެއެވެ. އަދި ތިމާގެ އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށް، އެއީ ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް އެދުމަކީވެސް ހަސަދައެވެ. ހަސަދަވެރިކަމަކީ އިސްލާމް ދީނުގައި ވަރަށްބޮޑަށް ނަހީކުރައްވާފައިވާ ހުތުރުކަން ބޮޑު ސިފައެކެވެ. ނަމަވެސް ތިމާގެ މުސްލިމް އަޚާއަށް ލިބިފައިވާ ނިޢުމަތެއް، އެ އަޚާގެ ކިބައިން ފިލާދިޔުމަށް ނޭދޭ ހާލު ، ތިމާއަށްވެސް އެ ނިޢުމަތެއް ލިބުމަށް އެދުމަކީ ހަސަދަވެރިވުމެއްނޫނެވެ. ހަސަވެރިކަމުގެ ނުބައިކަން ބަޔާންކޮށްދެއްވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.” إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ ” سنن أبي داود މާނަ: ” ހަސަދަވެރިވުމާއިމެދު ތިޔަބައިމީހުން ހުށިޔާރުވެ ތިބޭށެވެ! ފަހެ ހަމަކަށްވަރުން ހަސަދަވެރިކަން ހެޔޮޢަމަލުތައް ނެތިކޮށްލަނީ އަލިފާނުން ދަރު އަނދައިގެންދާހާ ފަސޭހަކަމާއެކުއެވެ. “